ސިވިލް ކޯޓުގެ މުވައްޒަފުންނަށް ޤުރުއާން މުބާރާތެއް ބާއްވައިފި

މިމުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ކޯޓުގެ މުވައްޒަފުން ޤުރުއާނަށް އަހުލުވެރި ކުރުވުމާއި ޤުރުއާނަށް ލޯބި ޖެއްސެވުމާއި ދީނީ ރޫޙު އާލާކޮށް ރޫހާނީ ތަރުބިއްޔަތުން ހިތްތައް ޒީނަތްތެރިކޮށް ދިރުވުމުވެ.

ސިވިލް ކޯޓުގެ މުވައްޒަފުންނަށް "މަދަނީ ތަރި" މިނަމުގައި ޤުރުއާން މުބާރާތެއް ސިވިލް ކޯޓުގައި ބާއްވައި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ކޯޓުގައި ބައްދަލުވުމެއް ބާއްވައިފިއެވެ.

ރަމަޟާންމަހާއި ގުޅުވައިގެން ބޭއްވި މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް ތައްޓާއި އިނާމު ޙަވާލު ކޮށްދެއްވީ ބައްދަލުވުމުގެ ޝަރަފުވެރި ރިޔާސަތު ސިވިލް ކޯޓުގެ ކުރީގެ އިސްޤާޟީ އަދި މިހާރު ހައިކޯޓު ހިންގުމާއި ޙަވާލުވެ ހުންނެވި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރުއެވެ.

އެއްވަނައަށް އައި ފަރާތަކަށް ޓްރޮފީއާއި -/3000ރ. ގެ ފައިސާގެ އިނާމާއި ހަދާނީ ލިޔުން އަދި ދެވަނައަށް އައި ފަރާތަކަށް -/1500ރ. ގެ ފައިސާގެ އިނާމާއި ހަދާނީ ލިޔުން އަދި ތިންވަނައަށް އައި ފަރާތަކަށް -/750ރ. ގެ ފައިސާގެ އިނާމާއި ހަދާނީ ލިޔުން އަދި ވަނަވަނަ އަށް އައި ފަރާތްތައް ފިޔަވާ ބައިވެރިވި ކޮންމެ ފަރާތްތަކަށް ހަނދާނީ ލިޔުމާއި -/250ރ. ގެ ފައިސާގެ އިނާމު ދެވުނު މިމުބާރާތުގެ އެއްވަނައަށް ގޮސްގެން "މަދަނީ ތަރި" އަކަށް ހޮވުނީ ސިވިލް ކޯޓުގެ މަސައްކަތު އަލްފާޟިލާ ޤަސީމާ އަބްދުލްޣަފޫރުއެވެ. ދެވަނައަށް އައީ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ އާމިނަތު މުޙައްމަދުދީދީއެވެ. ތިންވަނައަށް އައީ ބަޖެޓް އޮފިސަރ އަލްފާޟިލް ޢަބްދުލްމުހައިމިން ޢަބްދުއްރައްޒާޤުއެވެ.

ޝަރަފުވެރި ރިޔާސަތު ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު ދެއްކެވި ވާހަކަފުޅުގައި، ޤުރުއާން ކިޔެވުމުގެ މުހިންމުކަމާއި، ޤުރުއާންގައިވާ މިސާލުތަކާއި ވާހަކަތަކަކީ ޢިބުރަތްތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި ކީރިތި ޤުރުއާންއިން އެފަދަ ޢިބުރަތްތެރި ވާހަކަ އެއް ޚިއްޞާކުރެއްވިއެވެ.

ބައްދަލުވުން ތަޢާރަފު ކުރުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ޙަލީމްއެވެ.

ބައްދަލުވުމުގައި ޤާޟީންގެ ފަރާތުން ވާހަކަފުޅު ދެއްކެވީ ޤާޟީ އަލްއުސްތާޛު ހާތިފް ޙިލްމީއެވެ. ހާތިފް ޙިލްމީގެ ވާހަކަފުޅުގައި ސިވިލް ކޯޓުގައި މިބޭއްވުނު ޤުރުއާން މުބާރާތަކީ ފެށުމެއްކަމަށާއި، އަދި މިއީ ސިލްސިލާ މުބާރާތެއްކަމުގައި ވިދާޅުވިއެވެ. އަދި މިއީ ކޮންމެ އަހަރަކުވެސް ބޭއްވޭނެ މުބާރާތެއްކަމަށާއި، މިފަހަރުގެ މުބާރާތުގެ ބައިވެރިންގެ އިތުރަށް ގިނަ މުވައްޒިފުންތަކެއް ދެންއަންނަ ރަމަޟާން މަހުގައި ބޭއްވޭ ޤުރުއާން މުބާރާތުގައި ބައިވެރިވާނެކަމަށް އުންމީދު ކުރާކަމުގައި ވިދާޅުވިއެވެ.

މުބާރާތުގެ ބައިވެރިންގެ ފަރާތުން ވާހަކަ ދެއްކެވީ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ފަރީދާ ޢަބްދުލްރަޙްމާންއެވެ.

ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ޤުރުއާން ކިޔެވީ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ޢާއިޝަތު ނިޝާދާއެވެ. ބައްދަލުވުން ނިންމުމުގެ ގޮތުން ޤުރުއާން ކިޔެވީ މަދަނީ ތަރި އަލްފާޟިލާ ޤަސީމާ ޢަބްދުލްޣަފޫރެވެ.

ސިވިލް ކޯޓުގައި މިބޭއްވުނު ޤުރުއާން މުބާރާތުގައި ޖުމްލަ 10 މުވައްޒަފުން ބައިވެރިވެލެއްވިއެވެ.