ސިވިލް ކޯޓުގެ އަންހެން މުވައްޒަފުންގެ މެދުގައި ބޭއްވުނު ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން "ޓީމް ފިސާރި" ހޯދައިފި

ސިވިލް ކޯޓުގެ މުވައްޒަފުންގެ މެދުގައި ބޭއްވުނު ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް ފިސާރި ހޯދައިފިއެވެ.

ސިވިލް ކޯޓުގެ މުވައްޒަފުންގެ މެދުގައި އިޖްތިމާއީ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި، ކޯޓުގެ އަންހެން މުވައްޒަފުންގެ މެދުގައި ބޭއްވުނު މިމުބާރާތުގެ ޗެމްޕިއަންކަން ޓީމް ފިސާރި ހޯދީ ފައިނަލްގައި ޓީމް އަތްގަދައާއި ވާދަކޮށްގެންނެވެ.

ސިވިލް ކޯޓުގެ އަންހެން މުވައްޒަފުންގެ މެދުގައި ބޭއްވުނު ހޭންޑްބޯލް މުބާރާތުގައި ޖުމްލަ 4 ޓީމެއް ވާދަކޮށްފައިވެއެވެ. އެއީ ޓީމް ފިސާރިއާއި، ޓީމް އަތްގަދައާއި، ޓީމް ހިއްވަރު، އަދި ޓީމް ނޮކޮޑި ކޮއްޓާއެވެ. މިމުބާރާތް ބޭއްވުނީ ކޯޓުގެ ހުރިހާ މުވައްޒަފުން ގުތުއަތުލައިގެން 4 ޓީމަކަށް ބަހާލައި، އަދި އެޓީމްތަކަށް ޤާޟީންވެސް ގުރުއަތަކުން ބަހާލައިގެންނެވެ.

24 އޭޕްރީލް 2015 އިން 25 އޭޕްރީލް 2015 ގެ ނިޔަލަށް މަޖީދިއްޔާ ސްކޫލް ގައި ބޭއްވުނު މިމުބާރާތް ފައްޓަވައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓު ހިންގުމާއި ޙަވާލުވެ ހުންނެވި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރުއެވެ. ފެށުމުގެ ރަސްމިއްޔާތުގައި ޖަސްޓިސް ރިޑަޔާޑް އަލްއުސްތާޛު މުޖުތާޒު ފަހްމީއާއި، ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދުއާއި، ރައްޔިތުންގެ މަޖްލީހުގެ ޢަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙައްމަދު އަދި މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިރަސްމިއްޔާތުގައި ސިވިލް ކޯޓުގެ ޤާޟީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މުބާރާތް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ. މުބާރާތް ނިމި، ޓީމްތަކަށާއި ކުޅުންތެރިންނަށް މެޑްލްއާއި އިނާމު ބައްސަވައިދެއްވީ، ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި ރިޔާސަތު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުއާއި، ޖަސްޓިސް ރިޑަޔާޑް އަލްއުސްތާޛު މުޖުތާޒު ފަހްމީއާއި، ހައިކޯޓު ހިންގުމާއި ޙަވާލުވެ ހުންނެވި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު، އަދި ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު އެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ސިވިލް ކޯޓުގެ ޤާޟީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނިންމުމުގެ ރަސްމިއްޔާތުގައި އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުއާއި، ސިވިލް ކޯޓު ހިންގުމާއި ޙަވާލުވެ ހުންނެވި ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީ ވާހަކަ ފުޅު ދެއްކެވިއެވެ.

ސިވިލް ކޯޓު ހިންގުމާއި ޙަވާލުވެ ހުންނެވި ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީ ދެއްކެވި ވާހަކަ ފުޅުގައި މިއީ ކޯޓުގެ މާޒީ އެނބުރި އިޢާދަވެގެން އައި އައުމެއްކަމަށާއި، އިޖްތިމާއިއްޔަތެއް އުދަވެ އާރާސްތުވެގެން އައި އައުމެއްކަމަށާއި، މާޒީގެ މިތުރުން ޛިކުރާކޮށް ބަރިބަރިއަށް ރުކުރުވާލެވުނު ވަގުތެއްކަމަށާއި، މާޒީގެ ކެޔޮޅުންގެ ހެވަތުން އޮޑީގެ ހޭރިޔާ ބަދަލުކޮށް މިސްރާބަކަށް ފެށުނު ދަތުރެއްކަމަށް ވިދާޅުވިއެވެ.

"މިއީ ކޯޓުގެ ފޭރާން އެއްފޭރާމަކަށް ލެވުމުގެ ފެށުމެއް، ބަދަހި ގުޅުމަކުން ގުޅާލެވުނު ގުޅާލުމެއް، މުވައްޒަފުންގެ ހުރި ނިޔަނެތިކަމާއި، ސާދާކަމާއި އެކުވެރިކަން އަތުރާދިން ގިގޮގަނޑެއް. މުވައްޒަފުންގެ ބުރަ މަސައްކަތާއި، މަސައްކަތުގެ ސީރިޔަސްކަމުން ހިތްތައް ހާއުފާ ދިންކަމެއް" ޤާޟީ ޢަބްދުﷲ ޢަލީ ވިދާޅުވިއެވެ.

ޤާޟީ ޢަބްދުﷲ ޢަލީގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިމުބާރާތަކީ ސަމާސާ މަޖަލެއް ނޫންކަމަށާއި، މިއީ މުހިންމު މަޤުޞަދެއްގައި ބައެއްގެ މެދުގައި އޮންނަންވާ އިޖުތިމާއީ ފޭރާން ލެއްވުމެއްކަމަށާއި، މުބާރާތުގެ ޓީމްތައް ނެރެދެއްވި ދަރުމަވެރި ޤާޟީންނަށާއި، މުބާރާތް ހިންގަވާދެއްވި ހިންގާ ކޮމެޓީގެ މެންބަރުންނަށާއި، މުބާރާތް ބޭއްވުމަށް ދަނޑުދެއްވި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލްއަށާއި، ރެފްރީން ހަމަޖައްސަވާދެއްވި ހޭންޑް ބޯލް މޯލްޑިވްސްއަށާއި، އަދި ރެފްރީންނަށްނަށް ޝުކުރު އަދާކުރައްވާކަމަށެވެ.