2014 ވަނަ އަހަރު ސިވިލް ކޯޓުން 3203 މައްސަލަ ނިންމާފައިވެއެވެ.

ސިވިލް ކޯޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، 2014 ވަނަ އަހަރު ސިވިލް ކޯޓުން 3203 މައްސަލަ ނިންމާފައިވެއެވެ. 2013 ވަނަ އަހަރު މިކޯޓުން ނިންމި މައްސަލާގެ ޢަދަދަކީ 2154 އެވެ. މިއީ 2013 ވަނަ އަހަރާއި ބަލާއިރު %32.75 އިންސައްތަ އިތުރު ޢަދަދެކެވެ. 2014 ވަނަ އަހަރު މިކޯޓަށް ހުށަހެޅިފައިވަނީ 2589 މައްސަލައެވެ. 2014 ވަނަ އަހަރު ނިމުނުއިރު މިކޯޓުގައި ނުނިމިހުރީ 1287 މައްސަލަ އެވެ.

2014 ވަނަ އަހަރުގެ ނިޔަލަށް ސިވިލް ކޯޓުން 1915 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ދޫކޮށްފައިވެއެވެ. އަދި 2014 ވަނަ އަހަރު ޝަރީޢަތަށް ޙާޟިރުވުމުގެ 27209 އަމުރު ޙަވާލު ކުރެވިފައިވެއެވެ.

އެއްބަސްވުންތަކާއި ރަހުނު ރަޖިސްޓްރީކުރުމާއި، ޕަވަރ އޮފް އެޓާރނީ އާއި އެހެނިހެން ލިޔުންތައް ރަޖިސްޓްރީ ކޮށްދިނުމުގެ ޚިދްމަތަކީ (ޤާނޫނު ނަންބަރު 22/2010) ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ސިވިލް ކޯޓުން ދޭ ޚިދްމަތެކެވެ. އެގޮތުން، ވޭތުވެ ދިޔަ އަހަރު 776 އެއްބަސްވުމާއި، 378 ޕަވަރ އޮފް އެޓާނީ ރަޖިސްޓްރީ ކޮށްފައިވެއެވެ.

ހުށަހަޅާ މައްސަލަތައް ބެލުމުގެ އިތުރުން، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ތެރެއިން މާލެއާއި މާލެކައިރި ރިސޯޓު ތަކުގައި ތިއްބަވާ އެމައްސަލަތަކާ ގުޅުން ހުންނަ ފަރާތްތަކުގެ ބަޔާން ނަގަން މެޖިސްޓްރޭޓް ކޯޓުން ބޭނުންވެއްޖެ ހިނދެއްގައި ޝަރީޢަތަށް ބޭނުންވެގެން އެފަރާތްތަކުގެ ބަޔާން ނެގުމާއި، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ތެރެއިން މާލެއާއި މާލެ ކައިރީ ރިސޯޓުތަކުގައި ތިއްބަވާ އެމައްސަލަތަކާއި ގުޅުން ހުންނަ ފަރާތްތައް އެމައްސަލަ ހުށަހެޅުނު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރަން ބޭނުންވެއްޖެ ޙާލަތެއްގައި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމުގެ އަމުރު ޙަވާލުކޮށްދިނުމާއި، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިޢުލާންތައް (މިލްކުވެރިކަން، ވާރިޘަކު ހުރިތޯ ބެލުމާއި، ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް އޮތްތޯ ބެލުމާއި، ހޯދާ ނުފެނިގެން އުޅޭ މީހުން ޙާޟިރުވުމަށް އެންގުމާއި، ޣައިރު ޙާޟިރުގައި މައްސަލަ ނިންމާނެކަން އަންގާ އަދި ހޮވައިގެން ގެންނަ ތަކެތީގެ ވެރިއަކު ހޯދުމަށް) ކޮށްދިނުމާއި، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކާއި ގުޅިގެން ދަރަނީގެ ރެކޯޑު ސާފުކުރަން ބޭނުންވާ ފަރާތްތަކުގެ ދަރަނީގެ ރެކޯޑު ސާފުކުރުމާއި، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން މާލޭގައި ހުންނަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުންނާއި ކުންފުނިތަކަށް ފޮނުވަންޖެހޭ އެންމެހައި ސިޓީ ފޮނުވުމަކީވެސް ސިވިލް ކޯޓުން ކުރަމުންދާ މަސައްކަތްތަކެވެ. އެގޮތުން، 2014 ވަނަ އަހަރު މެޖިސްޓްރޭޓް ކޯޓުތަކަށް އެކޯޓުތަކަށް މީހުން ޙާޟިރު ކޮށްދިނުމާއި ގުޅޭގޮތުންނާއި، ދަރަނީގެ ރެކޯޑާއި ގުޅޭގޮތުންނާއި، އަދި ބަޔާންތަކާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެކަން ކަން އެނގުމަށްޓަކައި 4730 ފެކްސް މެސެޖް ފޮނުވިފައިވެއެވެ.

ސިވިލް ކޯޓުގައި 2014 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 9 ޤާޟީން މަސައްކަތް ކުރައްވާފައިއެވެ.

ސިވިލް ކޯޓަކީ މަދަނީ މައްސަލަތަކުގެ ތެރެއިން ފެމެލީ ކޯޓުން ބެލުމަށް ހަމަޖެހިފައިވާ މައްސަލަތައް ފިޔަވައި އެހެން ހުރިހާ ބާވަތެއްގެ މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ، ދަށުކޯޓު ތަކުގެ ތެރެއިން މަތީ ގިންތީގެ ސުޕީރިއަރ ކޯޓެކެވެ. ސިވިލް ކޯޓުން ބަލަނީ (ޤާނޫނު ނަންބަރު 22/2010) ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ޖަދުވަލު 1 ގައި ބުނެފައިވާ ބާވަތުގެ މައްސަލަތަކެވެ.