ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ޤާޟީ ކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައިވާތީ އެކަމަނާގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސިވިލް ކޯޓުގައި ޙަފްލާއެއް ބާއްވައިފިއެވެ.

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ޤާޟީ ކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައިވާތީ އެކަމަނާގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސިވިލް ކޯޓުގައި ޙަފްލާއެއް ބާއްވައިފިއެވެ. މިޙަފްލާގައި ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިންގެ އިތުރުން ކޯޓުގެ ޤާޟީންނާއި ހުރިހާ މުވައްޒަފުން ބައިވެރިވެ ވަޑައިގަތެވެ. އަދި ޤާޟީ ޢާއިޝާ ޝުޖޫން މުޙައްމަދު ސިވިލް ކޯޓުގެ ޤާޟީއްއެއްގެ ގޮތުގައާއި އެކިފަހަރުމަތިން ދިގުމުއްދަތެއްގައި ކޯޓު ހިންގަވާ ޤާޟީއެއްގެ ގޮތުގައި ކޯޓަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ކޯޓުގެ ފަރާތުން އެކަމަނާއަށް އަރުވާފައިވެއެވެ. މިޙަފުލާގައި ސިވިލް ކޯޓުގެ އިސް ޤާޟީއާއި ޤާޟީންނާއި ބައެއް މުވައްޒަފުން އެކަނާއާއިމެދު އެބޭފުޅުންގެ ޝުޢޫރުތައް ފާޅުކުރައްވާފައިވެއެވެ. އަދި ޤާޟީ ޢާއިޝާ ޝުޖޫން ވެސް މިޙަފްލާގައި ވާހަކަފުޅު ދައްކަވާފައިވެއެވެ.

ޤާޟީ އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ދައުލަތަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 12 ފެބްރުއަރީ 1997 ގައެވެ. މަދަނީ ކޯޓުގެ ޤާޟީ ކަމުގެ މަޤާމަށް އެކަމަނާ އައްޔަން ކުރެވުނީ 11 ޖުލައި 2007 ގައެވެ. އެކަމަނާއަކީ ދިވެހި ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ފަނޑިޔާރެވެ. 10 ފެބްރުއަރީ 2008 އިން ފެށިގެން 20 ޖަނަވަރީ 2009 ހަމަޔަށް ކިޔަވާވިދާޅުވުމަށްޓަކައި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އެނބުރި ވަޑައިގަތުމުން، 21 ޖަނަވަރީ 2009 ގައި ދެވަނަ ފަހަރަށް މަދަނީ ކޯޓުގެ ޤާޟީގެ މަޤާމަށް އެކަމަނާ އައްޔަންކުރެވުނެވެ. އޭގެފަހުން މެދުކެނޑުމެއްނެތި މަދަނީ ކޯޓުގައި، އަދި ސިވިލް ކޯޓު އުފެދުމުން ސިވިލް ކޯޓުގައި އެކަމަނާ މަސައްކަތް ކުރައްވާފައެވެ.