ޖަސްޓިސް ބިލްޑިންގ ތިރީގައި ހުންނަ މިކޯޓުގެ ކައުންޓަރުން ދެމުން ގެންދިޔަ ޚިދްމަތް ވަގުތީ ގޮތުން މެދުކަނޑާލައި، މިކޯޓަށް މައްސަލަ ބަލައިގަތުމުގެ އެންމެހާ ކަންކަން ފަސްކޮށްފި

ޖަސްޓިސް ބިލްޑިންގގެ ގްރައުންޑްފްލޯރގައި ހުންނަ، މިކޯޓުގެ އިދާރީ ކަންތައްތަކާއި، މިކޯޓަށް ހުށަހެޅޭ މައްސަލަތައް ރަޖިސްޓްރީކުރުމުގެ ކަންތައްތަކާއި، އަދި މި ކޯޓުގެ ޝަރީޢަތް ކުރާ ސެކްޝަނެއްގެ މަސައްކަތް ހިނގަމުންދާ މިކޯޓުގެ ކައުންޓަރުގެ ބައެއް، މިކޯޓަށް ރަސްމީކޮށް އެންގުމެއްނެތި، އަދި މިވަގުތު މިކޯޓު ހިންގުމާ ޙަވާލުވެހުރި ޤާޟީއަށް ރަސްމީކޮށް އެންގުމަކާވެސް ނުލާ، ސީދާ ކޯޓުގެ މުއައްޒަފުންނަށް އަމުރުވެރިގޮތެއްގައި އަންގައި، ވަރަށް ކުއްލި ގޮތަކަށް ކްރިމިނަލް ކޯޓުގެ ބެލުމުގެ ދަށަށް ރޭގެ ވަގުތެއްގައި ވަނީ ގެންގޮސްފައެވެ.

އަދި ކްރިމިނަލް ކޯޓުގެ ބޭނުމަށް އެކައުންޓަރަށް މިއަދު ރަސްމީގަޑި ފެށުނީއްސުރެ ގިނަޢަދަދަކަށް މީހުން އައިސް ތޮއްޖެހިފައިވުމުގެ ސަބަބުން، މިކޯޓުގެ ބުނެވިދިޔަ ކައުންޓަރުން ދެމުން ގެންދާ ޚިދުމަތް ފޯރުކޮށްދިނުމުގެ މާޙައުލުވެސް ވަނީ ގެއްލިގެން ގޮސްފައެވެ.

އެހެންކަމުން، އެފަދަ މާޙައުލެއް ހަމަޖެހެންދެން، ޖަސްޓިސް ބިލްޑިންގ ތިރީގައި ހުންނަ މިކޯޓުގެ ކައުންޓަރުން ދެމުން ގެންދިޔަ ޚިދްމަތް ވަގުތީ ގޮތުން މެދުކަނޑާލައި، މިކޯޓަށް މައްސަލަ ބަލައިގަތުމުގެ އެންމެހާ ކަންކަމާއި، އަދި ޖަސްޓިސް ބިލްޑިންގ ގެ ގްރައުންޑް ފްލޯރ ގައި ހުންނަ މިކޯޓުގެ ބީސީއާރު2 ސެކްޝަނުގެ އެންމެހައި މައްސަލަތައް ވަކިމުއްދަތެއްނެތްގޮތެއްގައި ފަސްކުރުމަށް ޤާޟީންގެ ޢާންމު މަޖިލީހުން ފާސްކޮށްފި.