ސިވިލް ކޯޓުގެ ކޭސްމެނޭޖުމަންޓް ސިސްޓަމް "ފަނޑިޔާރުގޮނޑި" ރަސްމީކޮށް އިފްތިތާޙް ކޮށްފި

ފަނޑިޔާރުގޮނޑި ނަމުގައި ސިވިލްކޯޓުގެ ކޭސްމެނޭޖުމަންޓް ސިސްޓަމް އިފްތިތާޙް ކޮށްދެއްވީ މިއަދު ހެނދުނު ސިވިލްކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީ އެވެ. މި ރަސްމިޔާތުގައި ކޭސްމެނޭޖުމަންޓް ސިސްޓަމެއްގެ މުޙިއްމު ކަމާއި، ކުރިއަށް އޮތްތަނުގައި ޝަރީޢަތްކުރާ ސެކްޝަންތަކުގެ މަސައްކަތްތަކަށް އަންނާނެ ބަދަލާއި ގުޅިގެން ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް ޙުޞައިން ރަފީޢުވެސް ވާހަކަފުޅު ދެއްކެވިއެވެ.

ސިވިލްކޯޓުގެ މިކޭސްމެނޭޖުމަންޓް ސިސްޓަމް ސިވިލްކޯޓަށް ފަރުމާކޮށްދެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. މިގޮތުން 2020 ވަނަ އަހަރުން ފެށިގެން މި ކޭސްމެނޭޖުމަންޓް ސިސްޓަމް ކޯޓުން ބޭނުންވާ ގޮތަށް ޑިވެލޮޕްކޮށް ފައްކާކޮށްދެއްވާފައިވާތީ އޭރުގެ ޑީ.ޖޭ.އޭ ގެ އައި.ޓީ ސެކްޝަނުގެ ހެޑް ކަމުގައި ވާ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އަމީން އަށް ސިވިލް ކޯޓުގެ ފަރާތުން ވަރަށް ޚާއްޞަ ޝުކުރެއް މި ރަސްމިއްޔާތުގައި ވަނީ އަދާކޮށްފައެވެ.

ފަނޑިޔާރުގޮނޑި ރަސްމީކޮށް ލޯންޗުކުރުމަށްޓަކައި ވެދެއްވި ބޮޑު އެހީތެރިކަމާއި ކުރެއްވި ބުރަ މަސައްކަތައްޓަކައި ސިވިލް ކޯޓުގެ އައި.ޓީ ސެކްޝަނުގެ ފަރާތުން އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީއަށް ވަރަށް ޚާއްޞަ ޝުކުރެއް އާދާކުރިއެވެ.

ސިވިލް ކޯޓުގެ އަމާޒަކީ ކޭސްމެނޭޖުމަންޓް ސިސްޓަމާއި އެކު ރައްޔިތުންނަށް ދެވޭ ޚިދުމަތް އަވަސްވެގެން ދިއުމެވެ.