ސިވިލް ކޯޓުގެ އާވެބްސައިޓް ލޯންޗްކޮށްފި

ސިވިލް ކޯޓުގެ އާވެބްސައިޓް މިއަދު ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯންޗްކޮށްފިއެވެ.

ސިވިލް ކޯޓުގެ އާވެބްސައިޓް މިއަދު ލޯންޗްކޮށްދެއްވީ އާއަހަރުގެ މުނާސަބަތުގައި ކޯޓުގެ މުވައްޒަފުންނަށް މަރްޙަބާ ދެންނެވުމަށް ބޭއްވި ބައްދަލުވުމެއްގައި ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންނެވެ.

ވެބްސައިޓް ލޯންޗްކޮށްދެއްވުމަށްފަހު އިސްޤާޟީ ދެއްކެވި ވާހަކަފުޅުގައި، ކޯޓުގެ ނިންމުންތައް ފަސޭޙައިން ޢާންމުންނަށް ލިބެން ހުރުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށާއި، ކޯޓުގެ ކޮންމެ ނިންމުމަކީވެސް ޢާންމުކޮށް ލިބެންހުންނަންޖެހޭނެ ނިންމުންތަކެއްކަމަށާއި، ކޯޓުގެ ވެބްސައިޓް މިހާރު ފަރުމާކޮށްފައިވަނީ ނިންމުންތައް ފަސޭޙައިން ބެލޭނެ އަދި ހޯދޭނެ (ސަރޗްކުރެވޭނެ) އިންތިޒާމެއްގެ ދަށުންކަމަށް ވިދާޅުވިއެވެ.

އިސްޤާޟީ އިތުރަށްވިދާޅުވީ ކޯޓުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށްޓަކައި، މުވައްޒަފުންގެ އެއްބާރުލުން ކޮންމެހެން މުހިންމުކަމަށާއި، 2013 ވަނަ އަހަރު ނިމިގެން ދިޔައީ ކުރީއަހަރުތަކަށްވުރެ ބޮޑުކާމިޔާބީއަކާއެކުގައިކަމަށެވެ.

ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޢަދަދުގެ ނިސްބަތުން ކޯޓުގެ ޤާޟީންގެ ޢަދަދު މަދުކަމާއި، ކޯޓުގެ މުވައްޒަފުންގެ ދަތިކަމާއި، ޖާގައިގެ ދަތިކަމާއި އެކުވެސް އަހަރަކަށްވުރެ އަހަރެއްގައި ހޯދޭ ކާމިޔާބީގެ މިންވަރު އިތުރުވަމުންދިއުމަކީ ހިތްހަމަޖެހުމެއްކަމުގައި އިސްޤާޟީ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ސިވިލް ކޯޓުގެ ޤާޟީންނާއި، މުވައްޒަފުން ބައިވެރިވިއެވެ.

ސިވިލް ކޯޓުގެ އާވެބްސައިޓްގައި ޤަޟިއްޔާ ނަންބަރާއި ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ނަމުން މައްސަލަތައް ހޯދޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. ސިވިލް ކޯޓުގެ ވެބްސައިޓް ފުރަތަމަ އިފްތިތާޙުކުރީ 17 ނޮވެމްބަރ 2009 ގައެވެ. އޭގެ ފަހުން މިއަދާހަމައަށް ކޯޓުން ނިންމާ ނިންމުންތައް ވެބްސައިޓް މެދުވެރިކޮށް އަންނަނީ ޢާންމުކުރަމުންނެވެ.