ލޮބުވެތި އަންހެން ބޭކަނބަލުންނެވެ. މިޤައުމާއި މިވަޠަނާއި ޢާއިލާގެ އުފަކާރައަށްޓަކައި ތިޔަ ލޮބުވެތި ބޭކަނބަލުން ތިޔަ ކުރައްވާ ޚިދުމަތާއި، ތިޔަ އުފުއްލަވާ ބުރައާއި، ވެވަޑައިގަންނަވާ ޤުރުބާނީ ބުރަދަން ހުރިގޮތެއްގައި ވަޒަންކުރާނެއެވެ. އަބަދުގެ އަބަދަށް ތިޔަ ކަނބަލުންގެ ނަން ލިޔެ ޒިކުރާކުރާނެއެވެ. ތިޔަ ކަނބަލުންނަށްޓަކައި މިޤައުމާއި މިވަޠަނާއި ޢާއިލާ ފަޚުރުވެރިވާނެއެވެ. މިޤައުމާއި މިވަޠަނާއި ޢާއިލާގެ ވިންދު ހިނގަނީ ތިޔަ ކަނބަލުންގެ ނަންފުޅު މަތީގައެވެ. ތިޔަ ކަނބަލުން ނުވާނަމަ މައިވަންތަކަމެއް ނުވާނެއެވެ. ތިޔަ ކަނބަލުންނަށް ސާބަހާއި ތައުރީފްހުރި ޝުކުރުގެ ހާރުތައް މާމެލާމެލިން ގަތައި ތިޔަ ކަނބަލުންގެ ކަރުފުޅުތަކުގައި އަޅުވަމެވެ.
ސިވިލް ކޯޓުގެ ޚިދުމަތުގެ ވެށީގެ 57% އަކީ ލޮބުވެތި ބޭކަނބަލުންނެވެ. މިކޯޓުގެ މާޒީގެ ފަތްފުށްތަކުން ލޮބުވެތި ބޭކަނބަލުން މިކޯޓުގެ ޤާޟީ ކަމާއި އެކި މަޤާމްތަކުގައި ޚިދުމަތްކޮށްފައިވާކަން ހުރީ ދިމާލަށް ފެންނާށެވެ.
މިކޯޓުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އެކި ދާއިރާތަކުން އެކި ފަންތީގައި ލޮބުވެތި ބޭކަނބަލުން ކޮށްދެއްވަމުން ގެންދަވާ ޚިދުމަތުގެ ދައުރު ބޮޑަށް ފެންނަމުންދާކަން އެއީ މިކަމުގެ އަލިގަދަ ހެއްކެކެވެ.
މިކޯޓުގެ މަސައްކަތްތައް ރާވައި ހިންގާ އިންތިޒާމުކުރުމުގައި ސާބިތުކަންމަތީ ވަރުބަލިކަމެއްނެތި ލޮބުވެތި ބޭކަނބަލުން ކުރައްވާ މިންނަތް މަސައްކަތް ދިއްލިގެންވާ ވޮށެއް ފަދައިން މިކޯޓުގެ ޖައްވުގައި ދަނީ ވިދާ ބަނބުޅަމުންއެވެ.
މިހެން މިކަން އޮތުމުން ދުވަހުގެ މުނާސަބަތުގައި މިކޯޓުގެ ލޮބުވެތި ބޭކަނބަލުންނަށް ޚާއްޞަވެގެންވާގޮތުން އިޚުލާސްތެރި ޝުކުރެއް އަރިސްކުރަމެވެ. އަދި ސިވިލް ކޯޓުގެ ނަމުގައި ދިވެހިރާއްޖޭގެ ހުރިހާ ބޭކަނބަލުންނަށް ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހުގެ މުބާރަކްބާދީ އާއި ތަހުނިޔާ ވެދުންކޮށް އަރިސްކުރަމެވެ.