ކޯޓުން އިސްނަގައިގެން ތަންފީޛުކުރަންޖެހޭ މައްސަލަތަކާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ މާލީ އިދާރާތަކާއި ދައުލަތް ޚިއްޞާވާ ކުންފުނިތަކާއި ދައުލަތުގެ މުވައްސަސާތަކާއެކު މަޢުލޫމާތު ބަދަލު ކުރުމުގެ ބައްދަލުވުމެއް މިއަދު ސިވިލް ކޯޓުގައި ބާއްވައިފިއެވެ.
މިއަދު ހެނދުނު އޮތް މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/04/SC ސާކިއުލަރގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ކޯޓުގެ ނިންމުންތަކަކީ ހުށަހެޅުމަކާއި ނުލައި ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން ތަންފީޛުކުރަންޖެހޭ މައްސަލަތަކެއްކަމުގައިވާއިރު ސިވިލް ކޯޓު ނޫންތަންތަނަށް ފައިސާ ދައްކަން ޙުކުމް ކުރުމުން، މުއްދަތު ހަމަވާއިރު ފައިސާ ދެއްކިކަން ނުވަތަ ނުދައްކާކަން ކޯޓަށް އަންގާނެ ގޮތަކާއި ބެހޭގޮތުން ބައްދަލުވުމުގެ ބައިވެރިން މަޢުލޫމާތު ބަދަލުކުރިއެވެ.
ކޯޓު އިސްނެގުމަށް ތަންފީޛު ކުރަންޖެހޭ މައްސަލަތަކާ ބެހޭގޮތުން އުޞޫލެއް ވަރަށް އަވަހަށް އެކަށައަޅާނެކަމަށް ކޯޓުން ފާހަގަކުރިއެވެ.
ސިވިލް ކޯޓުން ނިންމާ ފައިސާ ހިމެނޭ މައްސަލަތަކުގައި ފައިސާ ދެއްކުމަށް ކަނޑައަޅަނީ ސިވިލް ކޯޓަށް ނުވަތަ މާލީ އިދާރާއެއްނަމަ އެފަރާތަކަށެވެ.
މިބައްދަލުވުމުގައި ސިވިލް ކޯޓު ހިންގުމާޙަވާލުވެހުންނެވި ޤާޟީ ޢަލްއުސްތާޛު ޢަބްދުﷲ ޢަލީއާއި ސިވިލް ކޯޓުގެ ޤާޟީންނާއި ކޯޓުގެ ރަޖިސްޓްރާރ ބައިވެރިވެ ވަޑައިގެންނެވިއެވެ.