ޝަރުޢީ ދާއިރާއަށް 36 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވުމަށްފަހު ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީ ރިޓަޔަރ ކުރެއްވުމުން ކޯޓުގެ މުވައްޒަފުންގެ ފަރާތުން ތަކްރީމްގެ ޙަފްލާއެއް މިއަދު ބާއްވައިފި.



ސިވިލް ކޯޓުގެ މުވައްޒަފުންގެ ފަރާތުން އިސްނަގައިގެން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ތަކްރީމް ކުރުމުގެ ޙަފްލާގައި މުވައްޒަފުންގެ ފަރާތުން، އިސްޤާޟީ އަށް ވަނީ ހަނދާނީ ޚާއްޞަ އަލްބަމެއް ހަދިޔާކޮށްފައެވެ.

މިއަދުގެ ޙަފްލާގައި ސިވިލް ކޯޓުގެ ޤާޟީންނާއި މުވައްޒަފުން ވަނީ އިސްޤާޟީގެ މަތިވެރި ޚިދުމަތްތަކުގެ ޛިކުރު އާކޮށް، ޢުމްރާނީ ގޮތުންނާއި އިންސާނީ ވަޞީލަތް ބިނާކުރުމުގެ ގޮތުންން އިސްޤާޟީ ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ވާހަކަ ދައްކަވާފައެވެ.

މިގޮތުން އިސްޤާޟީގެ ޢިލްމީ ދަންމަރުގެ އިސްކަމާއި މަތިވެރި ޙިކުމަތާއި ޤަޟާއީ މަތިވެރި އުސްލޫބުތަކާއި ނިންމުންތަކުގެ ހަރުދަނާ ކަމުގެ މައްޗަށް މިކޯޓުގެ ޤާޟީންވަނީ މަތިވެރި ޝުޢޫރުތައް ފާޅުކުރައްވާފައެވެ.

މީގެ އިތުރުން މިޙަފްލާގައި، އިސްޤާޟީ ޢަބްދުﷲ ޢަލީ މުވައްޒަފުންނާއި ބާއްވަވާ ގާތްކަމާއި މަސައްކަތުގެ ޝައުޤު އިތުރު ކުރުމަށް ޝާމިލުވެވަޑައިގަންނަވާ ފުރިހަމަކަމާއި ބާވައްވާ އޯގާތެރި ކަމާއި ގެންގުޅުއްވާ ޙިކުމަތުޢަމަލީގެ މާތް ސުލޫކުގެ ޛިކުރާކޮށް ކޯޓުގެ ޢާއްމު މުވައްޒަފުންގެ ފަރާތުން ވަނީ ވަރަށް އަސަރުގަދަ ޝުޢޫރުތަކެއް ފާޅުކުރައްވާފައެވެ.

މުވައްޒަފުންނާއި ޤާޟީންނާއި މުޚާތަބު ކުރައްވަވައި އިސްޤާޟީ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ޚިދުމަތްތެރިވުމުގައި ލާމަސީލު ނަމޫނާ ދައްކާތަނެއްކަމުގައި ސިވިލްކޯޓު ހެދުމަށް އިސްޤާޟީ ގެންގުޅުއްވި މަތިވެރި ދުރުރާސްތާ ކުރިމަގުގެ މަތިން ހަނދުމަކޮށްދެއްވާ، އިޚްލާޞްތެރިކަމާއި އެކު ކޯޓަށް ޚިދުމަތްކުރުން މަތީ ދެމިތިބުމަށް ވަޞީއްޔަތްކުރެއްވިއެވެ.

މިކޯޓުގެ ހުރިހާ މުވައްޒަފުން ގެ އެދުމަކީ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީއަށް ފާގަތިކަމާއި ހެޔޮ ޞިއްޙަތާއި ހެޔޮލަފާ ކުރިމަގެއް ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވުމެވެ. މިޙަފްލާ ނިންމާލާފައިވަނީ އިސްޤާޟީއަށް ޚާއްޞަކޮށްގެން މުވައްޒަފުންގެ ފަރާތުން ތައްޔާރުކޮށްފައިވާ ކޭކު ފެޅުމުގެ ރަސްމިއްޔާތަކުންނެވެ.